Tuesday, November 17, 2015

އެޑިޔުކޭޝަން ޓެކްނޮލޮޖީ ތަރައްޤީވެ ކުރިއަރައިގެން އައިގޮތް


ލިޔުނީ: މުޙައްމަދު ޒުހައިރު

 

އެޑިޔުކޭޝަން ޓެކްނޮލޮޖީ ތަރައްޤީވެ ކުރިއަރައިގެން އައިގޮތް          


 17 ނޮވެމްބަރ 2015

     
ޙަޤީޤީ ތަޢުލީމަކީ ޙަޔާތާއި ގުޅިފައިވާ ދެމިގެންދާ ޙަޔާތުގެ ބައެކެވެ. އެއީ އުފަންވީއްސުރެ ކަށްވަޅަށް ދާންދެން ގުޅިފައިވާ ބަޔެކެވެ. "މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނޭށެވެ" އަޅުގަނޑުމެންގެ ލޮބުވެތި މާތް ނަބިއްޔާ محمد الرسوالله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިން ނެވެ. ޙަޤީޤީ ތަޢުލީމުގެ ބޭނުމަކީ އަޚުލާޤީ ގޮތުން އިންސާނާގެ ސިކުނޑި އާއި، ވިސްނުމާއި، ދެނެގަންނަ ގޮތާއި، އިޙުސާސްތަކާއި، އާންމުކޮށް ވަކި ކަހަލަ އޮނިގަޑެއްގެ ތެރޭގައި އަހަރުމެންގެ ޙަޔާތުގެ އުޞޫލުތަކާއި، އަދި އިންސާނާ ދިރި ދެމިހުރުމަށް އެހީތެރިވުމުގެ ގޮތުން ކާއިނާތުގެ ވެރި ﷲ ޚަލްޤު ކުރައްވައިފައިވާ އެންމެހާ ކަންތައްތަކާ މެދު އިންސާނާގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންކޮށް ތަރައްޤީކުރުމެވެ. ތަޢުލީމުގެ މުހިންމު އިތުރު އެއް ބޭނުމަކީ ބޭނުންތެރި އަދި ފަންނުވެރި ގޮތެއްގައި އިންސާނާގެ ސިކުނޑި އާއި އޭނާގެ ޢަމަލުތައް ގުޅުވައިދިނުމެވެ.
މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތާއި ހުނަރު ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތަކާއި ވަސީލަތުން ފޯރުކޮށްދީގެން ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމުގެ ވާހަކައަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ. އަދި ދައްކަން ޖެހޭވެސް ވާހަކައެއްމެއެވެ. ޝައްކެއްވެސް ނެތެވެ! ސައިންސްގެ ހޯދުންތަކުގެ އަލީގައި އުނގެނުމުގެ ދާއިރާއަށް މިވަނީ ބޮޑު އިންޤިލާބެއް ގެނުވާފައެވެ. ލުއި ފަސޭހަ އައު ގޮތްތަކެއް އީޖާދުކޮށްފައެވެ. ބަޔަކު ދުރާލައި ކަންތައްތަކެއް ކޮށްގެން ޙާޞިލުވެފައިވާ ނަތީޖާތަކެކެވެ. މިކަންކަން އިތުރަށް ކުރިއަރުވައި އަންނަން އޮތް ޒަމާންތަކަށް އަންގައިދިނުމަކީ ތާރީޚީ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން މި ޖީލުގެ އަމާނާތެކެވެ.


އެޑިއުކޭޝަން ޓެކްނޮލޮޖީގެ ޤަދީމީ ތާރީޚް                                     

ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަރައިގެން ދިޔައީ ގްރީކް ޙަޟާރަތެވެ. އެމީހުންނަކީ ވަރަށް ގިނަ ފަންނުތަކުގައި ކުރިއަރާފައިވާ ބައެކެވެ. ގިނަ އީޖާދުތަކެއް ކޮށް، އަގުހުރި ފޮތްތަކެއް ލިޔުނު ބައެކެވެ. އެ ޒަމާނުގައި ޔޫނާނީ ތަޢުލީމާ ބެހޭ ގޮތުން މިޒަމާނުގެ ޔޫނާނީ ދެ ޕްރޮފެސަރުން ކަމުގައިވާ ބިޓްރޮސް އާއި ކަރައިއަނިސް (2009) ބުނަނީ ޔޫނާނީ ދެ ސަހަރު ކަމުގައިވާ އެތެންސް އާއި ސްޕާރޓާ ގައިވެސް، ޢުމުރުން 7 އަހަރު ވަންދެން ކުދިންނަށް ކިޔަވައިދެނީ ގޭގައި ކަމަށެވެ. ޔޫނާނީ ދަރިވަރުން ލިޔަން ގެންގުޅުނީ އުށް އަޅާފައި ހުންނަ ފިލައެކެވެ. ފާންތިލަ ސިފައަށް އޮންނަ ކައްޓަކުން އޭގައި ލިޔެވެއެވެ. ލިޔުންތައް ފޮހެލަން ފަތާކޮށް އޮންނަ ކޮޅު، ލިޔުންގަޑުމަތީ ހާކަނީއެވެ. އެ ޒަމާނުގައި ކުރިއަރަމުން އައި ހުރިހާ ޙަޟާރަތެއްގައި ވެސް އުނގަންނައި ދިނުން ފެށިގެންދިޔައީ މިގޮތަށެވެ. އެދުވަސްވަރު ލިބެންހުރި ވަސީލަތެއްގެ ބޭނުންކޮށްގެން ތަޢުލީމު އުނގެނުމަށް މަސައްކަތް ކުރަމުން ދިޔައީ ވަރަށް ބާރަށެވެ.
ގްރީކްގެ ޙަޟާރަތުގައި ނޫނަސް  ދިވެހިރާއްޖޭގައި ވެސް ތަޢުލީމު ދިނުން ފެށިގެން އައީ މިފަދަ ގޮތަކަށެވެ. އިހު ޒަމާނުގައި ތަޢުލީމު ދިނުމަކީ މާ ބޮޑު ޚަރަދެއް ހިނގާ ކަމެއް ނޫނެވެ. މަށި ފިލަޔަކާއި ވޮށިފިލަޔަކުން ނުވަތަ ޗާޕުކުރެވިފައި އޮންނަ މަދު ދެތިން ފޮތަކުން އެކަން ފުއްދައިލެވެއެވެ. ނަމަވެސް މިޒަމާނަށް އައި އިރު ތަޢުލީމަކީ އެހާ ޚަރަދު ކުޑަނޫން އެހެނަސް ކާމިޔާބު ޚިދުމަތަކަށް ވަނީ ބަދަލުވެފައެވެ.

އެޑިއުކޭޝަން ޓެކްނޮލޮޖީ ތަރައްޤީވަމުން އައި ގޮތް

މަދަރުސާތަކުގައި ތަފާތު ޢިލްމުތައް އުނގެނެމުން އައި ދުވަސްވަރު އުނގެނުމުގެ އައު އީޖާދުތައް ތަޢާރަފުކޮށް ފަސޭހަ އަދި ގިނަ ބަޔަކަށް ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ފެށިގެންދިޔައެވެ. ޓެކްނޮލޮޖީ، އުނގެނުމުގެ ދާއިރާއަށް ފެތޭގޮތަށް އުފައްދަމުން ދިޔައެވެ. ދަރިވަރުންގެ ސަމާލުކަމާއި ޝައުޤުވެރިކަން އިތުރުވާނެ ގޮތްތަކާއި މުދައްރިސުންނަށް ފިލާވަޅުތައް ކާމިޔާބުކުރަން ފަސޭހަވާނެ އީޖާދުތަކާއި ވަގުތު ސަލާމަތްކުރެވޭނެ ގޮތްތައް ހޯދަމުން ދިޔައެވެ. އިއްޔެއަކު މިއަދަކު ނޫނެވެ. އަންޒަމާނުންސުރެއެވެ.
މީލާދީން 105 ހިސާބުގައި ފުރަތަމަ ފަހަރަށް ސީނުކަރަ (މިހާރުގެ ޗައިނާ) ގައި ކަރުދާސް އުފެއްދިއެވެ. އަދި 1436ގައި ގަޓެންބަރގް ޗާޕް މެޝިން އުފެއްދިއެވެ. 18 ވަނަ ގަރުނުގައި ބޯޑާއި ޗޯކު ތައާރަފްކުރެވިފައި ވެއެވެ. ނަމަވެސް ކަރުދާސް އާންމުވެ ޓެކްސްޓް ފޮތްތައް ޗާޕްކުރެވި، ލަކުޑި ބޯޑާއި ޗޯކް އަދި ލިޔުމަށްޓަކައި ގަލަމާއި ދެލި އާންމުކޮށް ބޭނުންކުރެވެން ފެށުނީ 19 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ.
ފޮޓޯގްރަފީ ވުޖޫދަށް އައިސް ވިޒުއަލް އިންސްޓްރަކްޝަންގެ ގޮތުގައި ތަޢާރަފުވެގެން ދިޔައެވެ. 1920 ވަނަ އަހަރު ވިޒުއަލް މީޑިއާ ފުޅާވެގެން އައިސް ގިނަ ޤައުމު ތަކެއްގައި ބޭނުން ކުރެވެން ފެށުނެވެ. ތަސްވީރު ދައްކައިގެން ކިޔަވައިދޭން ފެށުމުން ޝައުޤުވެރިކަމާއެކު އުނގެނުމަށް މަގުފަހިވެގެން ދިޔައެވެ. އެތައްއިރަކު ކިޔައިދީގެން ދޭހަނުވާ އަދި ސިފަކޮށްނުދެވޭ ތަކެތި އޭގެސަބަބުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސާފުކޮށްދީ ވިސްނައި ދެވެއެވެ. އެޑިއުކޭޝަން ޓެކްނޮލޮޖީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އޯޑިއޯ ވިޒުއަލް މީޑިއާ ޓެކްސްޓް އިންނެވެ އެގޮތުން އެންމެ ފުރަތަމަ ތަޢާރަފްކޮށް ބޭނުންކުރެވެންފެށީ ރޭޑިއޯއެވެ. ރޭޑިއޯ ވެގެން ދިޔައީ އެއްފަހަރާ ގިނަ ބަޔަކަށް އިލްމު ފޯރުކޮށްދޭން ވަރަށް އެކަށީގެންވާ އަގުހެޔޮ ވަސީލަތަކަށެވެ. އެހެންކަމުން 1925 ވަނަ އަހަރު ކުލާސްރޫމްތަކުގައި ރޭޑިއޯ ބޭނުންކުރަންފެށިއެވެ.
1926 ގައި އެޑިއުކޭޝަނަލް ފިލްމުތައް އުފައްދާ އިންސްޓްރަކްޝަނަލް މީޑިއާގެ ގޮތުގައި ހުޅަނގުގެ ޤައުމުތަކުގައި ދައްކަން ފެށުނެވެ. 1930 ގައި ފިލްމް ސްޓްރިޕް ޕްރޮޖެކްޓަރ އުފައްދާ ބޭނުންކުރަންފެށުނެވެ. އެގޮތުން އެންމެ ފުރަތަމަ އިންސްޓްރަކްޝަނަލް ޓީވީ ޕްރޮގްރާމެއް ދެއްކީ 1932 ވަނަ އަހަރު ސްޓޭޓް ޔުނިވާސިޓީ ލޯވާގައެވެ. އެއަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުނގަންނައިދިނުމުގެ ދާއިރާގައި މިދަފަ ފިލްމުތައް ބޭނުންކުރަން ފެށިއެވެ.
1937 ވަނަ އަހަރު އެންމެ ފުރަތަމަ ޑިޖިޓަލް ކޮމްޕިއުޓަރ އެޓަނަސޮފް-ބެރީ-ކޮމްޕިޔުޓަރ ނުވަތަ އޭބީސީ ޑިޒައިންކޮށް އުފެއްދިއެވެ. މި ކޮމްޕިއުޓަރ އުފައްދައިފައި ވަނީ ޕްރޮފެސަރ ޖޯން ވިންސެންޓް އެޓަނަސޮފް އާއި އެމެރިކާގެ އައޯވާ ސްޓޭޓް ކޮލެޖް (މިހާރުގެ އައޯވާ ސްޓޭޓް ޔުނިވަރސިޓީ) ގެ ދަރިވަރެއްކަމަށްވާ ކްލިފް ބެރީގެ މަސައްކަތުން ނެވެ. މި ކޮމްޕިއުޓަރު ވެފައި ވަނީ އިލެކްޓްރޯނިކް ޑިޖިޓަލް ކޮމްޕިއުޓަރުތައް ތަރައްޤީ ކުރުމަށް އެޅިފައިވާ ބިންގަލަކަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސަރުކާރުން އެޤައުމުގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް މިލިޓަރީ ޕްރޮގްރާމްތައް ހިންގުމަށް ލެބޯޓަރީތަކުގައި ކޮމްޕިއުޓަރުގެ އެހީގައި މައިކްރޯ ޓީޗިން ކުރިއަށް ގެންދަން ފެށުނެވެ. އެއަށްފަހު ޢާއްމު ކިޔަވައިދިނުމުގައި މިވަސީލަތުގެ ބޭނުން ހިފަންފެށިއެވެ. އިތުރަށް..
ފުރަތަމަ އިލެކްޓްރޯނިކް ކޮމްޕިއުޓަރެއް އުފެއްދީ 1940 ގައެވެ. ހަމަ މިއަހަރު އޯވަރހެޑް ޕްރޮޖެކްޓަރވެސް ސްކޫލްތަކަށް ތަޢާރަފްވެގެންދިޔައެވެ. ޓްރާންސްޕޭރެންސީ ޝީޓްގައި ފުރަތަމަ އަތުލިއުމުން ފެށި، ފަހުން ސުލައިޑަށް ޕްރިންޓްކުރެވުނު މިވަސީލަތުގެ ސަބަބުން ކިއަވައިދިނު އިތުރަށް ކާމިޔާބުކުރެވި ޝައުޤުވެރިކަން އިތުރުކުރެވުމާއި އެކު ވަގުތު ސަލާމަތްވެގެން ދިޔައެވެ. މި ވަސީލަތަކީ ދިވެހިރާއްޖޭގައިވެސް ކާމިޔާބުކަމާއެކު ގިނަދުވަސްތަކަކު ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރެވިފައިވާ ވަސީލަތެކެވެ. ޚާއްސަކޮށް މުދައްރިސުން ތަމްރީނުކުރުމުގެ ދާއިރާގައެވެ. 1946 ގައި އެނިއެކް ޓޭޕް ރެކޯޑަރ ތަޢާރަފްވެގެން ދިޔައެވެ. ހަމަ މިއަހަރު ތެރޭގައި ޢާއްމު ބޭނުންތަކަށް ޚާއްޞަކުރެވިގެން އުފެއްދި އެންމެ ފުރަތަމަ ޑިޖިޓަލް ކޮމްޕިއުޓަރ އެނިއެކް (އިލެކްޓްރޯނިކް ނިއުމެރިކަލް އިންޓެގްރޭޓަރ އެންޑް ކޮމްޕިއުޓަރ) ގެ މަސައްކަތް ނިމި ވުޖޫދަށް އައެވެ.   
1950 ގައި އިންސްޓްރަކްޝަނަލް ޑިޒައިނިން ތަޢާރަފް ވެގެންދިޔައެވެ. އަދި އެކިއެކި ތިއަރީތަކާ ކިޔަވައިދިނުމުގައި ބޭނުނުންކުރާ ވަސީލަތްތަކާއި ވައްޓަފާޅިއާއި ދާއިރާތައް މިދުވަސްވަރު ކުރިއަރާ ތަރައްޤީވެގެން ދިޔައެވެ. ޓީވީ އާންމުވާން ފެށީވެސް މި އަހަރުތެރޭގައެވެ. މިގޮތުން ބޭނުންކުރި ޓީވީތަކަކީ ފޮށިގަނޑުގޮތަށް ހުންނަ މިހާރުގެ ޓީވީތަކާ އަޅާބަލާއިރު ކަރަންޓް ޚަރަދު ބޮޑު ރޭޑިއޭޝަންގެ އަސަރުވެސް ބޮޑު ޓީވީ ތަކެކެވެ.
1960 އިން 1970 އާ ދޭތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއަށް އިންޤިލާބެއް ގެނައީ މައިކްރޯ ކޮމްޕިއުޓާސް އީޖާދު ވުމުން ނެވެ. އެގޮތުން ޕްރެޒެންޓޭޝަން ބޭސްޑް ލާރނިންގ ތަޢާރަފްވެ ފަސޭހަ އަދި އުނގަންނައި ދިނުމުގެ ކާމިޔާބު ވަސީލަތަކަށް މި ވަސީލަތް ވެގެންދިޔައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރު ތަޢާރަފްވީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެއީ ޑޭޓާ ޖެނެރަލް ކިޔާ ކޮމްޕިއުޓަރެކެވެ. 1970 ގައި ވީ ސީ އާރު ބޭނުންކުރަން ފަށާފާވެއެވެ. ދަރިވަރުންގެ ޝައުވެރިކަން އިތުރުކުރުމަށް ތަފާތު ވީޑިއޯތައް ދެއްކުމާ ޙަޤީޤީ ބައެއް ޙާދިޘާ ތައް ރެކޯޑްކޮށް އޭގެ ބޭނުންހިފުމާއި ދަރިވަރުންގެ ޢަމަލީ ބައެއް މަސައްކަތްތައް ރެކޯޑްކުރުން ވެގެންދިއައީ ޝައުޤުވެރި ކާމިޔާބު ލެސަންތަކެއް ގެންދިއުމަށް މަގުފަހިވެގެން ދިޔަ ކަމަކަށެވެ. 1972ގައި މަލްޓިޕްލްޗޮއިސް ޓެސްޓް ޕޭޕަރު ކޮމްޕިއުޓަރުން މާރކް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔައެވެ.
1970 ގެ އަހަރުތައް ނިމި 1980 ގެ އަހަރުތައް ފެށިގެންދިޔައީ ގެންގުޅެން ފަސޭހަ ކޮންމެތަނެއްގައި ވެސް ބޭނުންކުރެވޭ ޒާތުގެ (ޕޯރޓަބްލް) ޑިވައިސް ތަކާއި ސެޓްލައިޓް މެދުވެރިކޮށް ބްރޯޑްކާސްޓް ކުރުމުގެ ޓެކްނޮލޮޖީ އާއި އެކުގައެވެ. އިންޑިޔާގައި ބްރޯޑްކާސްޓް މީޑިޔާ ތަޢާރަފްކޮށް، ތަޢުލީމީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން އެޑިއުކޭޝަނަލް ޕްރޮގްރާމްތައް އެކިއެކި ބަސްބަހުން ސްކޫލްތަކަށް ފޯރުކޮށްދިނުމަށްޓަކައި 1983 ވަނައަހަރު އެގައުމުގެ އަމިއްލަ ސެޓްލައިޓެއް ލޯންޗްކުރިއެވެ. 1988 ގައި ލެޕްޓޮޕް ފަދަ ޕޯޓެބްލް ޑިވައިސްތައް އުފަންވެ އިންޓަރނެޓްގެ އެހީގައި އުނގަންނައި ދިނުމަށް ބޭނުންކުރެވެން ފެށުނެވެ. ޚަރަދުބޮޑުކޮށް އުނދަގޫކަމާއި އެކު ބެލެމުންދިއަ ވީޑިއޯތައް ޚަރަދުކުޑަ ފަސޭހަ ކަމަކަށް ވެގެންދިޔައީ 1990 ވަނަ އަހަރު ލިބުނު އަވަސް އިންޓަރނެޓްގެ ހިދްމަތުންނެވެ. މި ލިބުނު ކުރިއެރުމާއެކު ތައުލީމީ ދާއިރާ ޑިޖިޓަލް ވެގެންދިޔައެވެ. އެހެންގޮތަކަށް ބުނާނަމަ ކޮމްޕިޔުޓަރ ބޭސްޑް ލާރނިންގ އަކަށް ބަދަލުވެގެން ދިއައެވެ. ބީ އެފް ސްކިނަރ (1954) ހާމަކޮށްފައިވަނީ ހިޔުމަން ބޭސްޑް ލާރނިންގ އަށްވުރެ ކޮމްޕިޔުޓަރ ބޭސްޑް ލާރނިންގ މާ ފަސޭހަވާނެ ކަމުގައެވެ. (Chapter 3,Section 3.2)
   

 1991 ވަނަ އަހަރު ސްމާޓްބޯޑާއި، ވޯލްޑް ވައިޑް ވެބް ތަޢާރަފްވެގެން ދިޔައެވެ. މިގޮތުން އެންމެ ފުރަތަމަ އުފެއްދި ވެބް ބްރޯޒާ އަކީ މޯސައިކް ( Mosaic ) އެވެ. އެއީ 1993 ގައެވެ. މީގެ ސަބަބުން ޑޮކިއުމެންޓް ތަކާއި ވީޑިއޯތައް ބޭނުންކޮންމެ ވަގުތަކު ޑިޖިޓަލް މީޑިޔާއިން ލިބެން ފެށިއެވެ. އަދި އުނގަންނައި ދިނުމުގައި ސްމާޓް ބޯޑްބޭނުން ކުރަން ފެށިފައި ވަނީ 1991 ގައެވެ. ނަތީޖާއަކަށް ވެގެންދިއައީ ޝައުޤުވެރިކަން އިތުރުވެ ލެސަންތައް އިފެކްޓިވް ވެގެން ދިއުމެވެ. 1995 ގައި ފުރަތަމަ ވިކީ ސައިޓް އުފެދިގެން ދިއައެވެ.
ލާރނިންގ މެނޭޖުމެންޓް ސިސްޓަމްގެ ތެރެއިން އޮންލައިން ކޮށް ކިޔެވުމުގެ (ވެބް ބޭސްޑް ލާރނިންގ) މާހައުލެއް ޤާއިމްވެ، އިންތިޒާމް ހަމަޖެހިގެންދިއައީ 1995 ވަނަ އަހަރުއެވެ. މިއަހަރުގެ ތެރޭގައި އެންމެ ފުރަތަމަފަހަރަށް އޮންލައިން ކޯހެއް ފެށިގެން ދިޔައެވެ. ޑިސްކަޝަން ފޯރަމްތަކާއި ދަރިވަރުންގެ އެކްޓިވިޓީ ތައް އަދި އެސައިންމެންޓްގެ ސުވާލުތައް ހިމެނޭގޮތަށް ފަރުމާކުރެވިފައި ވެއެވެ. އާދައިގެ ގޮތަކަށް ފެށިގެންދިއަ މި ޓެކްނޮލޮޖީ ތަރައްޤީވެ 2008 އާއި ހަމައަށް އައި އިރު އެއްފަހަރާ އެތައްބަޔަކަށް ޚިދުމަތް ލިބޭނެގޮތް ފަހިވެފައި ވެއެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް ގައި ވެސް އެއްފަހަރާ އެތައް ހާސް ދަރިވަރުންނަށް ބައިވެރި ވެވެ އެވެ. މިއަހަރުގެ ތެރޭގައި އެޑްމޮޑޯ ތަޢާރަފްވެގެން ދިޔައެވެ.
ސޯޝަލްމީޑިއާއަކީ ވަރަށް ގިނަ ތަފާތު ވައްތަރުތަކުގެ ޓެކްނޮލޮޖީ އޭގައި ޙިއްސާވާ އެއްޗެކެވެ. އޭގެތެރޭގައި ޔޫޓިއުބު، މޮބައިލް ޑިވައިސް، ޓެބްލެޓްސް، ޓްވިޓަރ، އަދި ފޭސްބުކް ފަދަ އެންމެފަހުގެ ޓެކްނޮލޮޖީ ތައް ހިމެނެއެވެ. 2004 ގައި ފޭސްބުކް ތަޢާރަފްވުމާ، 2010 ގައި ސުކޫލްތަކަށް އައިޕެޑާއި ޓެބްލެޓް ބޭނުންކުރަން ފެށުމަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ކިޔަވައިދިނުމުގެ ދާއިރާއަށް ވަދެގެން ދިޔަކަމުގެ ހެއްކެކެވެ.  ސޯޝަލް މީޑިއާ ގުޅިފައިވަނީ ބޮޑަށް ޒުވާން ޖީލަށެވެ. އެހެންނަމަވެސް އުނގެނުމާއި، އުނގަންނައި ދިނުމުގައި ރަސްމީކޮންނާއި ނުރަސްމީކޮށްވެސް ސޯޝަލް މީޑިއާ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
"ސޯޝަލް މީޑިޔާއަކީ ޙަޤީޤަތުގައި ކޮމްޕިޔުޓަރ ޓެކްނޮލޮޖީގެ ބައިތަކުގެ ތެރެއިން މުހިންމު އެއްބައެވެ. އެހެނަސް މި ކުރިއެރުމާއި ތަރައްޤީގެ އަސްލަކީ އެޑިޔުކޭޝަން ޓެކްނޮލޮޖީގެ ތާރީޚެވެ." ޓޯނީބޭޓްސް (2014) އެހެންކަމުން އެޑިޔުކޭޝަން ޓެކްނޮލޮޖީގެ ތާރީޚް ދިރާސާކޮށް ހޯދާބެލުމަކީ ކޮންމެމީހަކުވެސް ކުރަންޖެހޭނެކަމެއް ކަމުގައި ދެކެމެވެ. އަދި ވަކިން ޚާއްޞަކޮށް ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން ޓެކްނޮލޮޖީ އަށް އަހުލުވެރިވުމަށް މަސައްކަތް ކުރުމާއިއެކު އެޑިއުކޭޝަންޓެކްނޮލޮޖީގެ ތާރީޚް ދިރާސާކުރަންޖެހެއެވެ. މިގޮތަށް މިކަން ކުރެވިއްޖެ ނަމަ އެޑިޔުކޭޝަން ޓެކްނޮލޮޖީ މިހާރަށްވުރެ ވެސް އެތައް ގުނައަކުން ކުރިއަރާ އުނގަންނައި ދިނުމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވާނެކަން ކަށަވަރެވެ. އޭގެ ސަބަބުން ތަޢުލީމީގޮތުން އަވަސް އަދި ހަލުވި ފިޔަވަޅު ތަކެއް އެޅި އައު އުސްމިން ތަކަކަށް ވާޞިލް ވާނެކަމީ ކަށަވަރުވެ ޔަޤީންވާ ކަމެކެވެ.

 

ރިފަރެންސް

 

·         Richey, R.C. (2008). "Reflections on the 2008 AECT Definitions of the Field". Tech Trends 52 (1): 24–25. doi:10.1007/s11528-008-0108-2.




·         lecture by Hussain zahidh/ PGD4 (7/11/2015)

      ·        www.slideshare.net/fvsandoval/history-of-educational-technology




11 comments:

  1. މިއީ ވަރަށް ޢިލްމީ ލިޔުމެއް،ماشاءالله!މައުޟޫއަށް ވަރަށް ފުރިހަމައަށް އިންޞާފުކުރެވިފައިވާ ލިޔުމެއ..

    ReplyDelete
  2. ޢިބާރާތްތައް ރީތި، މައުލޫމާތު ފުރިހަމަ ލިއުމެއްކަން ފާހަގަކުރެވުނު.

    ReplyDelete
  3. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  4. ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމީ ދާއިރާއަށް އައި ކުރިއެރުން މި ލިޔުން ކިޔައިލުމުން އެނގިގެން ދެއެވެ

    ReplyDelete
  5. ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމީ ދާއިރާއަށް އައި ކުރިއެރުން މި ލިޔުން ކިޔައިލުމުން އެނގިގެން ދެއެވެ

    ReplyDelete
  6. ތަފާތު ޓެކްނޮލޮޖީ އާ ގުޅުންހުރި ތާރީޚީ މަޢުލޫމާތު ލިބިއްޖެ.. ވ ފުރިހަމ އާޓިކަލްއެއް.. ماشاءالله!

    ReplyDelete
  7. އިތުރަށް ފޮޓޯހުރިނަމަ މައުލޫމާތު އިތުރަށް މުއްސަނދިވިސް

    ReplyDelete
  8. މި ލިއުމުގައި ޓެކްނޮލްޖީގެ ސަބަބުން ތަޢުލީމީ ދާއިރާ ކުރިައރަމުން އައިސްފައިވާ ގޮތް ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. މިލިޔުމުން ކޯސްތަށް ހަދާ ދަރިވަރުން މަޢުލޫމާތު ނަގަން ވަރަށް ރަނގަޅުވާނެކަމަށް ފެނެއެވެ.

    ReplyDelete
  9. މި ލިއުމުގައި ޓެކްނޮލްޖީގެ ސަބަބުން ތަޢުލީމީ ދާއިރާ ކުރިައރަމުން އައިސްފައިވާ ގޮތް ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. މިލިޔުމުން ކޯސްތަށް ހަދާ ދަރިވަރުން މަޢުލޫމާތު ނަގަން ވަރަށް ރަނގަޅުވާނެކަމަށް ފެނެއެވެ.

    ReplyDelete
  10. ޒަމާނީ ޓެކްނޮލޮޖީ އާއި ތައުލީމީ ދާއިރާ އާއި ހުރި ގުޅުން ވަރަށް ރަނގަޅަށް ބަޔާންކޮށްދިން ލިޔުމެކެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ...

    ReplyDelete
  11. ވަރަށް ހިތްގައިމު ލިޔުމެއް.

    ReplyDelete